ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް އަދުގެ ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާކޮށްދޭނެކަމެއް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުވަމުންދާކަމީ އުފާވެރިކަމެއްކަމަށާއި، މިވަގުތާއި ހަމައަށް ޙާފިޡުންގެ އަދަދު 322 އަށް އަރާފައިވާކަމަށެވެ. އަދި އަންނަ ރޯދަމަހު ގިނަ އަދަދެއްގެ ޙާފިޡުން ދަސްވެނިވާނެކަމަށް ލަފާކުރެވޭކަމަށައި، ޙާފިޡުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޙާފިޡުންގެ އަދަދު 500 އަށް އެރުވުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙާފިޡުންނަށް ހިއްވަރު ދެއްވުމުގެ ގޮތުން ދައުލަތުން ޙާފިޡުންނަށް ދޭ އިނާޔަތް ދެގުނައަށް އިތުރު ކުރައްވާފައިވާކަމަށާއި، ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކޮށް، މިވަގުތާއި ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ހިތުދަސް ކުރަމުން ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެންމެ ގިނަ ދަރިވަރުން ހިތުދަސްކުރަމުން ދަނީ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓުޓްގައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރު 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ހިންގަން ފަށާފަައިވާކަމަށާއި އަދި އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫޢު ގެންދިއުމަށް އަމާޒުހިފާފައިވާކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.



