އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އާސެނަލް ވާދަކުރި މެޗު، ޗެމްޕިއަން އާސެނަލުން ކާމިޔާބުކޮށްފިއެވެ.
ޗެލްސީން ރަށުން ބޭރުގައި އާސެނަލް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ލަންޑަން ޑާބީގައި ފަހަކަށް އައިސް އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދަމުން އައިސްފައިވާ އިރު، ޗެލްސީން އެންމެފަހުން އާސެނަލް ބަލިކޮށްފައި ވަނީ 2021 ވަނަ އަހަރު އޮގަސްޓް މަހުގައެވެ. އެއީ އާސެނަލް ދަނޑުގައި 2-0 ގެ ނަތީޖާއަކުންނެވެ. އޭގެފަހުން ކުޅުނު 12 މެޗުގައިވެސް ޗެލްސީއަށް އާސެނަލް ބަލިކުރެވިފައެއް ނުވެއެވެ.
މެޗަށް ޗެލްސީ ނުކުތީ އަނިޔާގައި ހުރި މޮއިސެސް ކައިސޭޑޯއާ ނުލައެވެ. ކައިސޭޑޯ ސީޒަން ފެށިއިރުވެސް އަނިޔާއެއްގައި ހުރި އިރު، އެންމެފަހުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބަދަލަކަށް އެރިއެވެ. އެހެން ނަމަވެސް، ކައިސޭޑޯއަށް އެމެޗުގައި އަނިޔާވެ، މިރޭގެ މެޗު ގެއްލުމުން ކޯޗު ޒަބީ އެލޯންސޯ ސްކޮޑުގައިވެސް އޭނާ ހިމަނާފައެއް ނުވެއެވެ.
މެޗު ރަނގަޅަށް ފެށީ ޗެލްސީންނެވެ. ދެވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން އާސެނަލަށް ރަނގަޅަށް ސާފުކޮށް ނުލެވިގެން ދިޔަ ބޯޅައެއް، އޭރިއާ ބޭރުން މޯގަން ރޮޖާސްއަށް ލިބުމާއެކު އޭނާ އަމާޒުކޮށްލީ ސީދާ ކަނަށެވެ. އެ ގޯލާއެކު ޗެލްސީން ލީޑު ނެގި ނަމަވެސް، އާސެނަލުން ޗެލްސީއަށް ނޭވައެއް ލާންވެސް ފުރުސަތެއް ދީފައެއް ނުވެއެވެ. ފުލުފުލުގައި އާސެނަލުން ދިޔައީ އެޓޭކް ކުރަމުންނެވެ.
ކޯނަރެއްގެ ތެރެއިން ކައި ހަވާޓްސް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ޗެލްސީ ކީޕަރު އެމިލިއާނޯ މާޓިނޭޒް އަތަށް ދިޔަ އިރު، 11 ވަނަ މިނެޓުގައި ރިކާޑޯ ކަލަފިއޯރީ ފޮނުވާލި ބޯޅައެއް ގޯލަށްވެސް ވައްދާލިއެވެ. އެހެން ނަމަވެސް ފަހުން ވީއޭއާރް ބަލައި، ރެފްރީ ނިންމީ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި އެޒްރީ ކޮންސާ އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ.
އޭގެފަހުންވެސް އާސެނަލުން ޗެލްސީއަށް ބާރު ބޮޑުކުރި އިރު، ހަނި އެންގަލަކުން ބުކަޔޯ ސަކާ ފޮނުވާލި ބޯޅަ މަތަކުރީ މާޓިނޭޒެވެ. އަދި އޭގެ އިރުކޮޅެއްފަހުން 23 ވަނަ މިނެޓުގައި މާޓެން އޮޑެގާޑް ފޮނުވާލި ހަމަލާވީ ބްލޮކެވެ.
އާސެނަލުން ކުރަމުން ދިޔަ ޕްރެޝަރުގައި 25 ވަނަ މިނެޓުގައި މެޗު އެއްވަރުކުރިއެވެ. އަރިމަތިން ބޯޅަ ހިފައިގެން އެތެރެއަށް ވަދެ ކައި ހަވާޓްސް ތިރިން ފޮނުވާލި ބޯޅަ ހަނިކަނުން ގޯލަށް ވަނީ މާޓިނޭޒް އަތުގައި ނުޖެހިއެވެ.
ހާފު ނިމެން ދަނިކޮށް ޗެލްސީން ދެވަނަ ގޯލަކާ ގާތަށް ޖެހިލި ނަމަވެސް، ޕެޑްރޯ ނެޓޯ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެއާއެކު އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ އާސެނަލް މެޗު އަނބުރާލިއެވެ. 50 ވަނަ މިނެޓުގައި އަރިމަތިން ކްރިސްޓޮސް ޒޮލިސް ނަގައިދިން ބޯޅައަށް އޭރިއާ ތެރެއަށް ވަދެ، ހުސްކޮށް އޮވެ ނިންމާލީ އޮޑެގާޑެވެ.
އޭގެފަހުންވެސް އާސެނަލުން ބޮޑަށް ޑޮމިނޭޓް ކުރިއިރު، އެޓީމު ކޮޅަށް ޗެލްސީން ފަހުކޮޅުގައި ނުރައްކާ ކުރިއެވެ. އެގޮތުން ބަދަލަކަށް ނުކުތް އެސްޓެވާއޯ ރަނގަޅަށް އެތެރެއަށް ކަނޑާލުމަށްފަހު ފޮނުވާލި ބާރު ހަމަލާ މަތަކުރީ ކީޕަރު ޑޭވިޑް ރާޔާއެވެ.



