އާލިން ހާލަންޑްގެ ކްލަބް ކެރިއަރުގައި ޖެހި 300 ވަނަ ގޯލާ އެކު، މެންޗެސްޓާ ސިޓީން 1-0 އިން ކޮވެންޓްރީގެ މައްޗަށް ކުރި ހޯދައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ކޮވެންޓްރީގެ ފޯވާޑް ޓައިވޯ އަވޮޔިނީ އަށް ލިބުނު ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
މި މެޗުގައި ސިޓީ ޓީމުން ޖެހި ހަަމައެކަނި ގޯލު ކާމިޔާބުކުރީ 26 ވަނަ މިނެޓްގައި ހާލަންޑްއެވެ. މިއީ ސިޓީގެ އަންޓުއާން ސެމެންޔޯ ނެގި ހުރަހަކުން ހާލަންޑް ބޮލުން ޖެހި ގޯލެކެވެ. މި ގޯލާ އެކު ހާލަންޑް ވަނީ ކްލަބް ކެރިއަރުގައި 300 ގޯލު ޖަހައިފައެވެ. އެ ގޮތުން، މޯލްޑާ އަށް އޭނާ ވަނީ 20 ގޯލު ޖަހައިފައެވެ. ރެޑްބުލް ސަލްޒްބާގަށް 29 ގޯލު ޖެހިއިރު، ބޮރޫޝިއާ ޑޯޓްމަންޑަށް 86 ގޯލު ޖެހިއެވެ. އަދި، މެންޗެސްޓާ ސިޓީ އަށް މިހާތަނަށް އޭނާ ވަނީ 165 ގޯލު ޖަހާފައިވެއެވެ.
ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ސިޓީން ތަނަވަސްކުރިއިރު، މި މެޗުގައި ކޮވެންޓްރީން ފޮނުވާލި ގިނަ ހަމަލާތަކެއް ސިޓީގެ ގޯލްކީޕަރު، އިޓަލީގެ ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ސިޓީ މޮޅުވެފައިވާއިރު، ނުވަ ޕޮއިންޓާއެކު އެޓީމު އޮތީ ލީގުގެ އެއްވަނައިގައެވެ. ލީގުގައި މިހާތަނަށް ކޮވެންޓްރީން ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.



