ހޮރްމޫޒު ކަނޑުއޮޅީގެ ސަރަހައްދުން ދަތުރުކުރި 6 އުޅަނދަކަށް އީރާނުން ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މިއީ، އީރާނުން އެއްވަގުތެއްގައި މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. އުޅަނދުފަހަރަށް ހަމަލާދިނީ އެންޓި ޝިޕް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، ހަމަލާ އަމާޒުކުރީ، އީރާނުގެ ހުއްދަނެތް ރޫޓަކުން ދަތުރުކުރި 3 ތެޔޮ ޓޭންކަރަކަށާއި، އެމެރިކާ ކަނޑުގެ ސިފައިންގެ މަނަވަރުތަކާއި، އަދި އެމެރިކާއާ ގުޅުންހުރި އެހެން 3 އުޅަނދަކަށް ކަމަށެވެ. ހަމަލާ ދިނުމަށްފަހު އޭގެ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް އީރާނުން އާންމުކޮށްފައި ވެއެވެ.
އީރާނުގެ ހަމަލާތަކުގައި ޓޭންކަރުތަކަށާއި، އެމެރިކާ ސިފައިންގެ މަނަވަރުތަކަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެމެރިކާ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، ތެޔޮ ޓޭންކަރުތަކަށާއި، އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނީ، ހޮރްމޫޒު ހުރަސްކުރަން އުޅުނު އީރާނުގެ 3 ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، ހޮނިހިރު ދުވަހު ސިފައިން ހަމަލާ ދިނީ އެމްޓީ ޑައުނީއާއި، އެމްޓީ ސްޓާކް1 އަދި އެމްޓީ ކީލޯއަށް ކަމަށެވެ. މިތިން އުޅަނދަކީވެސް އީރާނުން ސާފުނުކުރާ ތެޔޮ ބޭރުކުރުމަށް މަސައްކަތްކުރާ ފްލީޓްގައި ހިމެނޭ ތިން ޓޭންކަރު ކަމަށް ބުނެފައި ވެއެވެ.
ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އެމްޓީ ޑައުނީއަށް ހަމަލާދީފައިވަނީ ޚާރްޖް އައިލެންޑް ކައިރިން ކަމަށާއި، އެމްޓީ ސްޓާކް1 އަށް ހަމަލާދީފައިވަނާ އީރާނުގެ ޖަސްކް ކައިރިން ކަމަށެވެ. އެ ހަމަލާތަކުގައި ޓޭންކަރުތަކަށް ބޮޑެތި ގެއްލުންތައް ދެވުނު ކަމަށް ބުނެފައި ވެއެވެ. ހަމަ އެއާއެކު، އެމްޓީ ކީލޯއަށް ހަމަލާދީ މުޅި ޓެންކަރު ގޮއްވައި ހަލާކުކޮށްލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އެމެރިކާ ސިފައިން ދިފާއުކުރަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށާއި، އީރާނުގެ ތެޔޮ އުފުލާ ފްލީޓް އެއްކޮށް ހަލާކުކޮށްލަން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭ ކަމަށެވެ.
އެކަމަކު، އީރާނުން މިހާރުވަނީ ރައްދު ހަމަލާތައް އިތުރަށް ފުޅާކޮށްފައެވެ. އެމެރިކާގެ ބްލޮކޭޑްގެ ބާރު ނެތިކޮށްލުމަށް ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަށް ސީދާ ހަމަލާތައް ދޭން ފަށާފައިވެސް ވެއެވެ.



