ތ. މަޑިފުށީގައި އައުޓްޑޯ ޖިމް ސާމާނު ފޯރުކޮށްދީ، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މަޑިފުށީގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން، އެ ރަށުގައި އައުޓްޑޯ ޖިމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދީ، އެ ތަކެތި ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ދިރުވާ އާލާކޮށް، ހަށިހެޔޮ އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ބޮޑު ސިޔާސަތުގެ ބަޔެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދަކަށްވާއިރު، އެ މަސައްކަތްތައް މިހާރު ވަނީ މުޅި ރާއްޖޭގައި ފަށާފައެވެ.
މީގެ އިތުރުންވެސް، ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް އަދި ވޮލީ ކޯޓުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްތައް އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މަޑިފުށީގައި ނިންމާލެވުނު މި އައުޓްޑޯ ޖިމާއެކު، އެ ރަށުގެ ރައްޔިތުންނާއި ޒުވާނުންނަށް ފަސޭހަކަމާއެކު ކަސްރަތުކޮށް، ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި މިހާރުވެސް ބައެއް ރަށްރަށުގައި ޖިމްތަކުގެ މަސައްކަތް ނިމި، އާންމުންގެ ބޭނުންތަކަށް ވަނީ ހުޅުވާލެވިފައެވެ.



