މިދިޔަ މަހު ރާއްޖެއަށް 197,640 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 193,529 ފަތުރުވެރިންނާ އަޅާބަލާއިރު 2.1 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން އެންމެ ގިނައީ ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނެވެ.
މިދިޔަ މަހު ފަތުރުވެރިން އައި އަދަދު އިތުރުވި ނަމަވެސް، މުޅި އަހަރުގެ ނިސްބަތަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރަށްވުރެ 3.7 އިންސައްތަ ދަށްވެފައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,456,930 ފަތުރުވެރިން ވަނީ އައިސްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ފަސް ޤައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ޖަރުމަނުވިލާތެވެ. އަދި ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގައެވެ.



