ރ. ދުވާފަރު ކައުންސިލުން ސަރުކާރުގެ ވުޒާރާތަކާއި ބައްދަލުކުރުމަށް ކުރަމުންދާ ދަތުރުގައި ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކާއި ބައްދަލުކޮށްފައެވެ. އެގޮތުން ކައުންސިލުން ވަނީ އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އަދި އެމް.ޑަބްލިއު.އެސް.ސީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމުގެ ވުޒާރާ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑޯމަންޓް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ބައްދަލުކޮށްފައެވެ.
ދުވާފަރު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި 30 އޮގަސްޓުން 03 ސެޕްޓެމްބަރުގެ ނިޔަލަށް އެ ކައުންސިލުން ކުރަމުންދާ މި ދަތުރަކީ ދުވާފަރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރާ ދަތުރެއްކަމަށެވެ.
މި ދަތުރުގައި ދުވާފަރު ކައުންސިލު މެންބަރުނާއިއެކު ރައްޔިތުން މަޖިލީހުގެ ދުވާފަރު ދާއިރާއިގެ މެންބަރު މުހައްމަދު އަލީ ބައިވެރިވެވަޑައިގަންނަވައެވެ.



