- Advertisement -spot_img

އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއްދީފި

އީރާނުގެ ލަރާކް އައިލެންޑަށް އެމެރިކާ ސިފައިން މިރޭ ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ބަދަލު ހިފާނޭ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ވައުދުވެއްޖެއެވެ.

ލަރާކް އައިލެންޑަކީ ހޮރްމޫޒު ކަނޑުއޮޅިއަށް ވާގޮތަށް އޮންނަ އީރާނުގެ ޖަޒީރާ ރަށެކެވެ. މި ރަށަށް އެމެރިކާ ސިފައިން ވަރުގަދައަށް ބޮން އެޅުމުގެ ސަބަބުން އީރާނު ސިފައިންނާއި އާންމުންގެ އެތައްބަޔަކު މަރުވެފައިވާ ކަމަށް އިންގިލާބީ ލަޝްކަރުން ބުނެއެވެ. ނަމަވެސް މަރުވީ ކިތައް މީހުން ކަމެއް ނުބުނެއެވެ.

އެމެރިކާ ސިފައިން ވައިގެ ހަމަލާދިނީ، ހޮރްމޫޒު ކަނޑުއޮޅިގައި މައިންތައް އެޅުމަށް ބޭނުންކުރާ މިސައިލްތައް އުދުއްސާލާ ދެ ލޯންޗަރަށް ކަމަށް ވެއެވެ. ލަރާކް އައިލެންޑަކީ ހޮރްމޫޒުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭން ބޭނުންކުރާ ރަށެއް ކަމަށާއި، އެންމެފަހުން ޓޭންކަރުތަކަށް ދެވުނު ހަމަލާތަކާވެސް އެރަށާ ގުޅުން ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، އެމެރިކާގެ ކިބައިން ބަރުގަދައަށް ބަދަލު ހިފާނޭ ކަމަށާއި، އަދަބުދޭނޭ ކަމަށެވެ. ސަރަހައްދުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާ ސިފައިން ލަރާކް އައިލެންޑަށް ދިން ހަމަލާތަކުގެ ރައްދުގައި ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ހަމަލާދިނުން ވަރަށް ގާތެވެ. އެމެރިކާގެ ބޭސްތަކުގެ އިތުރުން، އެމެރިކާގެ މަނަވަރުތަކަށްވެސް ހަމަލާދިނުން ގާތްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ހުސައިން މުހެބީ ވިދާޅުވީ، ލަރާކް އައިލެންޑަށް ހަމަލާދިނުމަކީ އެމެރިކާއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ބަދަލު އަސްކަރީގޮތުންނާއި އިގްތިސާދީގޮތުންވެސް ހިފާނޭ ކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި، އީރާނުގެ ފަރާތުން އަތުވެދާނެ ރައްދު ހަމަލާތަކުން ސަލާމަތްވުމަށް ގަތަރުގައި ހުރި ބައެއް އުޅަނދުތައް ދުރަށް ޖައްސަމުން އެބަ ގެންދެއެވެ. ކުރިއަށްއޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުގެ ރައްދު ހަމަލާތައް އަންނާނޭ ކަމަށް ބެލެވެމުން އެބަދެއެވެ.

ގުޅުންހުރި ލިޔުންތައް