- Advertisement -spot_img

ނޭޕާލުގެ ފެންބޮޑުވުމުގައި ގެއްލުނު 3،000 މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށައިފި

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ގަނޑުފެންގަނޑެއް ވެއްޓި ހިނގި ފެންބޮޑުވުމުގައި ގެއްލުނު ގާތްގަނޑަކަށް 3،000 މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ނޭޕާލުން އިއްޔެ އަލުން ފަށާފައިވާއިރު، އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް 5 ބިލިއަން ޑޮލަރާ ހަމައަށް ހަރަދުވެދާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފިއެވެ.

މި ކާރިސާ ހިނގާފައިވަނީ ބުދަ ދުވަހު ގަލާއި ގަނޑުފެނާއި ފަސްގަނޑާ އަދި ކުނިބުނި ހިމެނޭ ބޮޑު ސިލްސިލާއެއް ހިމާލަޔާގެ ކޯރުތަކުގެ ތެރެއަށް ފައިބައިގެން ގޮސް، އިމާރާތްތަކާއި ފާލަންތަކާ އަދި އިންޖީނުގެތައް ހަލާކުވެގެންނެވެ. މި ހާދިސާގައި ނޭޕާލުން މަދުވެގެން 669 މީހުން މަރުވެފައިވާއިރު، ޓިބެޓުން 7 މީހުން ވަނީ މަރުވެފައެވެ.

ނޭޕާލުން ގާތްގަނޑަކަށް 2,426 މީހުން އަދި ޓިބެޓުގެ ގިއިރޮންގް ކައުންޓީން 554 މީހުން އަދިވެސް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި މަދުވެގެން 540 ބިދޭސީން ހިމެނެ އެވެ. އިންޑިއާއިން ބުނީ އެ ގައުމުގެ 275 ރައްޔިތުން ގެއްލިފައިވާ ކަމަށެވެ. އަދި މެލޭޝިއާއިން ބުނީ އެ ގައުމުގެ 91 ރައްޔިތަކާ ގުޅޭ ގޮތް ނުވެފައިވާ ކަމަށެވެ.

ވާރޭވެހުމާއި ބޯ ދުމުގެ ސަބަބުން ހެލިކޮޕްޓަރު ފަދަ އުޅަނދުތައް ޖެއްސުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު، އިއްޔެ މެންދުރު ފަހު އޮޕަރޭޝަންތައް ވަނީ އަލުން ފަށާފައެވެ.

އިތުރަށް ފެންބޮޑުވުމުގެ ނުރައްކާ އޮތުމުން، ކާރިސާ ހިނގި ސަރަހައްދުގެ މަތީގައިވާ ދެ ފެންގަނޑެއް ކަމާބެހޭ ފަރާތްތަކުން ދަނީ މޮނިޓަކުރަމުންނެވެ. ނޭޕާލާއި ޗައިނާގެ ބޯޑަރުގައި އޮތް އެއް ފެންގަނޑުން އޮތް ނުރައްކާ އިއްޔެ ވަނީ ކުޑަވެފަ އެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އެ ފެންގަނޑުން ފެން ދަނީ މަޑުމަޑުން ހުސްވަމުންނެވެ.

ޓަނަލްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށާއި ދަތުރުފަތުރާއި މުއާމަލާތްކުރާ ވިއުގަތައް އަލުން ގާއިމުކުރުމަށާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ދެނެގަތުމަށާ އަދި ޑީއެންއޭ ޓެސްޓްތައް ހެދުމަށް ހާއްސަ ބޭރުގެ އެހީތެރިކަމަށް ނޭޕާލުން ވަނީ އެދިފަ އެވެ. އިންޑިއާ އާއި ޗައިނާގެ ޓަނަލް މާހިރުން މިހާރު ވަނީ އެ ހިސާބަށް ދާން ފަށާފަ އެވެ. އަދި އިންޑިއާއިން ވަނީ 60 ޓަނުގެ އެހީގެ ތަކެތި ފޮނުވާފައެވެ.

މަރުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުތައް ވަނީ ވަކިކުރަން ނޭނގޭ ވަރަށް ކުނިވެފަ އެވެ. އަދި އެ ހަށިގަނޑުތައް ވަޅުލާނީ ޑީއެންއޭ ސާމްޕަލް ނެގުމަށް ފަހުއެވެ. ފިނޭންސް މިނިސްޓަރު ސުވަރްނިމް ވެގްލޭ އަންދާޒާކުރެއްވި ގޮތުގައި، އަލުން އާރާސްތުކުރުމަށް 4 ބިލިއަނާއި 5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭނުންވާނެއެވެ.

ގުޅުންހުރި ލިޔުންތައް