ސައުދީ ޕްރޯ ލީގުގައި ރޭ އަލް ތާއޫންއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، އަލް ނަސްރުން ސީޒަންގައި ދަމަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައި ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރުގެ ކުރިއަށް ކުޅުނު މި މެޗުގައި، އޭނާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމު މޮޅުކޮށްދިން ލަނޑު ޖަހާފައެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 978 ވަނަ ލަނޑެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އަލް ނަސްރުން ވަނީ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ތާވަލުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ.
މެޗު ފެށިގެން 11 ވަނަ މިނެޓުގައި މުހައްމަދު ބައްސާމް އަލް ހުރައިޖީ ޖެހި ލަނޑާއެކު އަލް ތާއޫންއިން ވަނީ މެޗުގެ ކުރިހޯދާފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ސާމޫ ކޮސްޓާ ވަނީ ލަނޑެއް ޖަހައި އަލް ނަސްރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި، މެޗުގެ 50 ވަނަ މިނެޓުގައި އަލް ނަސްރު މޮޅުކޮށްދިން ލަނޑު ފެނިގެންދިޔައީ ވާތްފަރާތު އަރިމަތިން ޔޮއާއޯ ފީލިކްސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަލް ތާއޫންގެ އޭރިއާ ތެރެއަށް ވަދެ ފީލިކްސް ދިން ބޯޅަ އޭރިއާގެ އިމާ ހަމައަށް ލިބުނީ މުހައްމަދު ސިމާކަންއަށެވެ. ސިމާކަން ގޯލަށް ފޮނުވާލި ބޯޅަ، ގޯލުގެ ހަ ޔާޑު ބޭރުގައި ހުރެގެން ރޮނާލްޑޯ ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލާފައެވެ.
މި މެޗުގައި ރޮނާލްޑޯ މުޅި މެޗު ފުރިހަމައަށް ކުޅުނުއިރު، އަންގާރަ ދުވަހު އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އަލް ނަސްރުން ވަނީ 3-2 އިން ފަހަތުން އަރައި މޮޅުވެފައެވެ.



