ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަމިއްލައަށް ޑިޒައިންކޮށް ބިނާކުރި، ”އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމް“ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި، އެމްޑަބުލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ މިއީ 425 ގޮނޑީގެ ޖާގައިގެ މުޅިން އައު އޮޑިޓޯރިއަމްއެއް ކަމަށެވެ.
ފަހުމީ ވިދާޅުވި ގޮތުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކޮށްފައިވާ މި އޮޑިޓޯރިއަމްގައި ޚާއްސަ ބޯޑްރޫމަކާއި، ކޭޓަރިން ޚިދުމަތް ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މި ފުރިހަމަ ވަސީލަތް ހަގީގަތަކަށް ހެއްދެވުމަށްޓަކައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ދެއްކެވި ހުނަރުވެރިކަމާއި، ފުރިހަމަ މަސައްކަތްތެރިކަމުގެ އިތުރުން ދެއްކެވި ބަދަހި ރޫޙާއި އިޚުލާސްތެރި މަސައްކަތަށް އެ ކުންފުނިން ވަނީ އެންމެހައި މުވައްޒަފުންނަށް ފަހުމީ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.



