ލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮލިޓީ ރަނގަޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު އެ މަޝްރޫއުގެ މަސައްކަތް އޮތީ ވަރަށް ދަންނަވާލަން ދަތި މިންވަރަކަށް ކަމަށާއި އެއިރު ފެންނަން އިންނެވީ އެންމެ ދެ ތަނބު ކަމަށެވެ. ނަމަވެސް، ވެރިކަމަށް އައިސް އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި، އިސްނަންގަވައިގެން ހައި-ލެވެލް ކޮމިޓީއެއް އުފައްދަވައި މަޝްރޫއު އަވަސްކުރުމަށް ހުށަހެޅުއްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ކޮމިޓީގެ މަސައްކަތާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ދެއްވި އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މަޝްރޫއަށް ބޮޑު ކުރިއެރުމެއް ލިބި، މިހާރު މާލެއާއި ވިލިމާލެއާ ދެމެދު ފިޒިކަލީ ގުޅުވާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ މުޅި ސަރަހައްދުގެ އިގްތިސާދީ، އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ތާރުއެޅުމާއި އެހެނިހެން ސައިޓްގެ މަސައްކަތްތައް ގުޅިފަޅުގައި ހުރުމުން މުޅި ބްރިޖު ބޭނުންކުރަން ފެށޭނީ ގުޅިފަޅާ ހަމައަށް ގުޅާލުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ބްރިޖުގެ ފެންވަރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިނަމާލެ ބްރިޖު ހެދިއިރު ކޮންސަލްޓެންސީ ދިން ދުނިޔޭގެ މަޝްހޫރު ”އާރޮޕް“ ކުންފުނީގެ އެއިރުގެ ޓީމު މި ބްރިޖުގެ ކޮލިޓީ ބެލުމުގައިވެސް ހަރަކާތްތެރިވާތީ، ބްރިޖުގެ ފެންވަރު ވަރަށް ރަނގަޅަށް ކަށަވަރުކުރެވިގެންދާނެ ކަމަށެވެ. ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މިހާތަނަށް މި މަޝްރޫއުގެ %76.61 މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި، 26 އޮގަސްޓް 2021 ގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްދާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގޭ މި މަޝްރޫއަކީ އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބްރިޖު/ކޯޒްވޭ ލިންކުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް 3 ބްރިޖު އެޅުމުގެ އިތުރުން، މެރިން ވިއަޑަކްޓްތަކާއި، މަގުތައް ހެދުމާއި، ވިލިމާލޭގައި ރޭމްޕެއް ހެދުމުގެ އިތުރުން ވިލިމާލެއާއި ތިލަފުށިން ބައެއް ހިއްކުމުގެ މަސައްކަތްތައް ހިމެނެއެވެ.



