ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންނަށް ދޭ މުސާރަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުން ސަރުކާރުން ލާޒިމުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާ ގުޅިގެންނެވެ. މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން މަޖުބޫރުވާ އިސްލާހަށް އަމަލުކުރަން ފަށާނީ ގެޒެޓްކުރި ދުވަހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުންނެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދައި، އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމެވެ. މިހާރު ބައެއް ބިދޭސީންނަށް ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލައަށް މި ފިޔަވަޅުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭގޮތަށް ބޭރު ފައިސާގެ ގާނޫނު ބަދަލުކުރުމާއި، ފައިސާ މާރުކުރަން ދީފައިވާ މުއްދަތު ކުރުކޮށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތް ހެދުން ހިމެނެއެވެ. އަދި ޑޮލަރުން ކުރާ މުއާމަލާތްތަކުގެ ތަފުސީލު އެމްއެމްއޭއަށް ހިއްސާކުރުން ލާޒިމުކުރުމަކީ ވެސް ޑޮލަރުގެ ތަދުމަޑުކަމަށް ދާއިމީ ހައްލެއް ހޯދުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކެވެ.



