ޒުވާން ޚަތީބުން ތަމްރީނު ކުރަން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ހިންގި ފަސް ވަނަ ބުރުން 91 ޒުވާނަކު ދަސްވެނިވިއްޖެއެވެ.
އެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގަ އެވެ. ޒުވާން ޚަތީބު ތަމްރީނު ކުރުމުގެ 5 ވަނަ ބުރު ފެށީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
މިއަދު ދަސްވެނިވި ޚަތީބުންނާ އެކު ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ބުރުގެ ދަށުން މިހާތަނަށް ވަނީ 712 ޒުވާން ޚަޠީބުން ތަމްރީނުކޮށްއެވެ.
މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށް ދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައި ދިނުމުގެ މަޤުސަދުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
ޒުވާން ޚަތިބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅައިގެން ވެސް މީގައި ބައިވެރިވެއެވެ.
ދެހާސް ސައުވީހުގައި ފެށި ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާ އެކި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1،000 ޒުވާން ޚަތީބުން ތަމްރީނު ކުރުމެވެ.



