- Advertisement -spot_img

އެސޯސިއޭޝަންތަކުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެވިއްޖެ

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އިފްތިތާހުކުރުމަށް ޔޫތު ހަބުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ ޢަމަލުތަކާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ ޤާނޫނީ އިދާރާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ގޮތުން އެންޓި -ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން 2024ގައި ”ޕަޗަސް“ ކެމްޕެއިން ފަށާފައިވާ ކަމަށާއި ކުޅިވަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

އެގޮތުން، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް ވަރަށް ގާތުން ބަލައި، އޮޑިޓްކުރުމުގެ ނިޒާމު މިހާރު އިތުރަށް ހަރުދަނާކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި މާލީ މުޢާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި، ހަރުދަނާ މާލީ އުޞޫލުތަކަކާއި ގައިޑްލައިންތަކެއް ތަޢާރަފުކޮށް، އެކަންކަމަށް ޢަމަލުކުރަން މިހާރު ލާޒިމުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުން ނިމުމަކަށް ގެނެވިފައިވާ ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކުރެވިފައިވާ އުސޫލުތައް މިހާރު ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

”ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދެމުން އަންނަ މުސަރާ މިވަނީ ބޮޑުކުރެވި، އެއް ހަމައެއްގައި ދެވެން ފަށާފައި. ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމް ފައިސާގެ އުސޫލުވެސް މިވަނީ ރިވައިޒްކުރެވި ހަރުދަނާކުރެވިފައި. އިދާރީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަންތަކުގެ މައްސަލަތައް ބަލައި ގިނަ ކަންކަންވަނީ ހައްލުކުރެވިފައި،“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ އިދާރާތަކުގެ އުސޫލުތަކާއި، ރާއްޖޭގެ ކުޅިވަރުގެ ޤާނޫނާ އެއްގޮތްވާ ގޮތަށް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ބަދަލުކުރެވި އިސްލާހުކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް މުހިންމު ގިނަ ބަދަލުތަކެއް ވެސް ގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޤައުމީ ޓީމްތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދެއްވާ، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅޭ ތަންތަނުގައި ހުރުން ލާޒިމް މިނިމަމް މެޑިކަލް ރިކުއާމެންޓްތަކަށް އަމަލު ކުރަން ފަށާފައިވާ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުޅިވަރު އިދާރާތައް ހިންގަން ތިބި ފަރާތްތަކާއި، ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ގަވަރނަންސް ރަނގަޅުކުރުމަށާއި، ފައިނޭންޝަލް މެނޭޖްމަންޓް ދަސްކޮށްދިނުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަން މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް