”ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026“ ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައިފިއެވެ.
އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއެކު މިހާރު ވަނީ ސޮއިކޮށްފައެވެ.
މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ މި ބޮޑު ހަފުލާ ފުރިހަމަކަމާއެކު ރާއްޖޭގައި ބޭއްވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވެވުނު މުހިންމު އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އޮފް އެއާ ސާވިސް ޑިވެލޮޕްމަންޓް ނަޝާޔާ އަބްދުލް ވާހިދެވެ.
މި އެއްބަސްވުމުގެ ދަށުން، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބްރޭންޑިންގ އަދި ޕްރޮމޯޝަނަލް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެސަބަބުން ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެ، އެވޯޑް ހަފުލާގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވީއެމްސީން މައުލޫމާތުދެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ނަޝާޔާ އަބްދުލްވާހިދު ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވީއެމްސީއާއެކު މި ޕާޓްނަޝިޕް ގާއިމުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރަސްމީ އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައި، ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ ފަހުރެއް ކަމަށްވެސް ނަޝާޔާ ވިދާޅުވި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްވެއުޅޭ އެންމެ ޝަރަފުވެރި އެއް ހަރަކާތެވެ.
މިއެވޯޑްސްގެ އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފުލާ ރާއްޖޭގައި ބޭއްވުމަކީ، ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ.



