- Advertisement -spot_img

ޒަމާނީ މޫސުމާބެހޭ އާލާތްތަކަށް އިންވެސްޓްކޮށްގެން، ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ދަނީކުރަމުންކަމަށް ރައީސް ވިދާޅުވެއްޖެ

ޒަމާނީ މޫސުމާބެހޭ އާލާތްތަކަށް އިންވެސްޓްކޮށްގެން، ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ދަނީކުރަމުންކަމަށާއި އަންނަ ޖީލުތަކަށް އަމާން މާދަމާއެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުން މޫސުމާބެހޭ ޒަމާނީ އާލާތްތަކަށް އިންވެސްޓްކޮށްގެން، ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ނިޒާމެއްގެ ޚިދުމަތް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ބެހޭ ސިޔާސަތުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވާކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މައްޗަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމުކުރުމަށް ”މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030“ ވަނީ އެކުލަވަލާފައެވެ. މި ސްޓްރެޓެޖީގެ މައިގަނޑު މަޤުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.

ކޮންމެ އަހަރެއްގެ މާރޗް 23 ވަނަ ދުވަހު ދުނިޔޭގެ މޫސުމާބެހޭ ދުވަސް ފާހަގަކުރާއިރު، މި ދުވަހުގެ މަޤްޞަދަކީ މޫސުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރުމެވެ.

ގުޅުންހުރި ލިޔުންތައް