- Advertisement -spot_img

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދަށް މަރުގެ ހުކުމް އިއްވައިފި

ސީރިއާގައި 14 އަހަރު ވަންދެން ހިނގި ދާޚިލީ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ކުރިކަން ސާބިތުވެ، އެ ގައުމުން ފިލައިގެން ގޮސްފައިވާ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރު އަސަދުގެ މައްޗަށް ސީރިއާގެ ކޯޓަކުން ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފިއެވެ.

ދިމިޝްގުގެ ހަތަރުވަނަ ކްރިމިނަލް ކޯޓުން އިއްވި މި ހުކުމަކީ، އަސަދު އާއިލާގެ 50 އަހަރުވީ ވެރިކަން މީގެ 20 މަސް ކުރިން ނިމުމަކަށް އައި ފަހުން، ބައްޝާރު ނުވަތަ އޭނާގެ އާއިލާގެ އިސް ބޭފުޅެއްގެ މައްޗަށް އިއްވި ފުރަތަމަ ހުކުމެވެ. ”ބައްޝާރުލް އަސަދު ވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމަށް ދައުލަތުގެ އިދާރާތައް ބޭނުންކޮށްފައި،“ ދައުލަތުގެ ޓީވީން ވަގުތުން ދެއްކި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ފަޚުުރުއްދީން އަލް-އާރިޔާން ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން މަރުގެ ހުކުމް އިއްވާފައިވަނީ ބައްޝާރުގެ ދެބެންގެދެދަރި ކޮއްކޮ އާތިފް ނަޖީބުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވީ ސީރިއާގެ ދެކުނުގެ ދަރްއާ ޕްރޮވިންސްގައި އާންމުންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުންތައް ރޭވުމުގެ ކުށުގަ އެވެ. މި ހަމަނުޖެހުންތަކަކީ ފަހުން މުޅި ގައުމަށް ފެތުރިގެންދިޔަ ދާޚިލީ ހަނގުރާމައިގެ ފެށުމެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކޯޓު ކޮޓަރީގައި، ގައިދީންގެ ހެދުމުގައި ހުރި ނަޖީބުގެ މައްޗަށް ހުކުމް އިއްވިއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޯޓު އިމާރާތުގެ ބޭރަށް އެއްވެފައެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސީރިއާގެ ސަރުކާރު ވެއްޓުމާއެކު ބައްޝާރު އާއި އޭނާގެ ކޮއްކޮ މާހިރު ވަނީ ރަޝިއާއަށް ފިލައިގެން ގޮސް ސިޔާސީ ހިމާޔަތް ހޯދާފަ އެވެ. ސީރިއާގެ އާ ސަރުކާރުން ވަނީ އެ ދެމީހުން ގައުމާ ހަވާލުކުރުމަށް ރަޝިއާގެ ކިބައިން އެދިފަ އެވެ. ނަޖީބަކީ 2011 ވަނަ އަހަރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ، އަދި މިހާތަނަށް ހައްޔަރުކޮށް ޝަރީއަތް ހިންގުނު އެންމެ މަތީ ފަންތީގެ އޮފިޝަލެވެ.

ކުރީގެ ބްރިގޭޑިއާ ޖެނެރަލް ނަޖީބު 2011 ވަނަ އަހަރު ހުރީ ދަރްއާގެ ޕޮލިޓިކަލް ސެކިއުރިޓީ ބްރާންޗުގެ ވެރިޔަކަށެވެ. އޭނާގެ ބެލުމުގެ ދަށުން، ސަރުކާރާ ދެކޮޅު ލިޔުންތަކެއް ލިޔުނު ގިނަ އަދަދެއްގެ ކުޑަކުދިން ހައްޔަރުކޮށް އަނިޔާކުރި މައްސަލަ އަކީ ސީރިއާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.

ބައްޝާރުގެ ކޮއްކޮ މާހިރު އަސަދަކީ ސީރިއާ ސިފައިންގެ ފޯތު އާމަޑް ޑިވިޜަންގެ ކޮމާންޑަރެވެ. މި ޑިވިޜަނުން މީހުން މެރުމާއި، އަނިޔާކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ އިތުރުން އަމިއްލަ ޖަލުތައް ހިންގި ކަމަށް އިދިކޮޅު ހަރަކާތްތަކުން ތުހުމަތުކުރެއެވެ.

ގުޅުންހުރި ލިޔުންތައް