ރާއްޖޭގެ ވަޒީފާ ބާޒާރާއި މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއާ ޑިވެލޮޕްމަންޓްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ހަދާފައިވާ ”މައި ކެރިއާ ޕޯޓަލް“ ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
ކަސްޓަމްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޯޓަލް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ”ސައިލްސް“ މަޝްރޫއުގެ ދަށުން ފަންޑުކޮށްގެން ގާއިމުކުރި ޕޯޓަލަކީ ނޭޝަނަލް ކެރިއާ ސާވިސް (އެންސީއެސް)ގެ އިސްނެގުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ.
ހޯމް މިނިސްޓްރީން ބުނީ މިފަދަ ޕޯޓަލެއް ހެދުމުގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ މީހުންނާއި ވަޒީފާދޭ މީހުންގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ތަނަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ޕޯޓަލްގައި ހިމެނޭ ކަންކަން:
ކެރިއާ ގައިޑެންސް: ވަޒީފާ ހޯދާ މީހުންނާއި ތަމްރީނު ލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކްޝަން ޕްލޭންތައް މޮނިޓާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ.
ކެރިއާ ޕާތުވޭ ޑިޒައިނާ: ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭނެ.
މައިލްސްޓޯން ޓްރެކާ: މީހާގެ ތައުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެެއް. މީގެ ސަބަބުން ހާސިލު ކޮށްފައިވާ ކާމިޔާބީތަކާއި އިތުރަށް ކުރިއަރުވަން ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެ.
ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިއުލާނުކުރުމާއި މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭނެ.
ވަޒީފާ ހޯދާ މީހުންނަށާއި ވަޒީފާ ދޭ މީހުންނަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް ބޭނުން ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެއީ ދިވެހިންނަށް އިސްކަންދޭ ވަޒީފާތަކެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން، ގާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވުސް 2.0 ގެ ތެރެއިން ކުރާ މަސައްކަތެކެވެ.



