ހުޅުމާލެ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް އުޅުނު 20 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސް އިން އިއްޔެ ވަނީ ހުޅުމާލެ ރަށު މާރުކޭޓުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 55 ބިދޭސީއަކު ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެއެވެ.
އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްހަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ. ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.
މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.



