ސްރީލަންކަން އެއާލައިންސާއި ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއާ ދެމެދު ވަނީ އާ އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ ދަތުރުވެރިންނަށް އެއް އިލެކްޓްރޯނިކް ޓިކެޓެއްގައި ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގުފަހިކޮށްދިނުމެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ދެ އެއާލައިންގެ ފްލައިޓްތައް ހިމެނޭހެން ދަތުރުތައް ބުކް ކުރެވޭނެއެވެ. ސްރީލަންކަން އެއާލައިނުން މިހާރުވެސް ވެލާނާ އެއާޕޯޓަށް ދުވާލަކު 3 ފްލައިޓް އަދި އައްޑޫ ގަން އެއާޕޯޓަށް ހަފްތާއަކު 2 ފްލައިޓް އޮޕަރޭޓް ކުރެއެވެ.
މި އާ ގުޅުމުގެ ސަބަބުން ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ދުރު ރަށްތަކަށާއި މަގުބޫލު ފަތުރުވެރި މަންޒިލްތަކަށް ވަދެވުން ފަސޭހަވެގެންދާނެއެވެ. މިއީ ފަތުރުވެރިންނަށާއި ވިޔަފާރިވެރިންގެ އިތުރުން ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށްވެސް ބުކިން ހެދުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ކޮމާޝަލް ދިމުތު ތެންނަކޫން ވިދާޅުވީ، މިއީ ސަރަހައްދީ ފެންވަރުގައި އެއާލައިންގެ ހިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ސްރީލަންކަންގެ ބައިނަލްއަގުވާމީ ވިއުގަ މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކާ ގުޅުވާލުމުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބި ވިޔަފާރީގެ އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި ސްރީލަންކަންގެ މޯލްޑިވްސް މެނޭޖަރު ނަޔޯމީ ތެންނަކޫންވެސް ވަނީ މި ޕާޓްނާޝިޕްގެ ސަބަބުން އެއް އައިޓިނަރަރީއެއްގެ ދަށުން ރާއްޖޭގެ ގިނަ މަންޒިލްތަކަކަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ 63 ޤައުމެއްގެ 130 މަންޒިލަކަށް ހިދުމަތް ދެމުންދާ ސްރީލަންކަން އެއާލައިނުން 33 މަންޒިލަކަށް ސީދާ ދަތުރުތައް ކުރާއިރު، މޯލްޑިވިއަންއާއެކު ވެވުނު މި އާ އެއްބަސްވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް އަންނާނެއެވެ.



