- Advertisement -spot_img

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ އަދި ކަނޑުގެ ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރަނީ

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮންނަ އަސްކަރީ އަދި ކަނޑުގެ ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް، އޮސްޓްރޭލިޔާގެ ސްޕެޝަލް އެންވޯއީ އޮފް ދަ އިންޑިއަން އޯޝަން ޓިމް ވަޓްސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ‘ކޯސްޓްގާޑް އިމާދުއްދީން’ ރަސްމީކޮށް ކޮމިޝަން ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓިމް ވަޓްސް ވަނީ، 1974 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނީއްސުރެ، ދެ ގައުމުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޮސްޓްރޭލިޔާއާއި ދިވެހިރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި، އިތުބާރާއި، އަދި ބައިނަލްއަގުވާމީ ގަވާއިދުތަކާއި އުސޫލުތަކުގެ މައްޗަށްކަން ބަޔާންކުރައްވައި، އަލަށް ކޮމިޝަންކުރެވުނު މަނަވަރަކީ މި ބަދަހި ގުޅުމުގެ ރަމްޒެއްކަމުގައި އޭނާ ސިފަކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޓިމް ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބަޔާއި ހަކަތައިގެ ދެބައިކުޅަ އެއްބައި އުފުލަނީ އިންޑިއާ ކަނޑު ހުރަސްކޮށް ކަމަށެވެ. އެހެންނަމަވެސް، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުންދާކަން ފާހަގަކުރައްވައި، މި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރާއްޖެއާއި އޮސްޓްރޭލިޔާއިން ގުޅިގެން އަސްކަރީ ގޮތުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ހާމަކުރެއްވިއެވެ.

އޮސްޓްރޭލިޔާއިން އަމާޒުހިފާފައިވަނީ އިންޑިއާ ކަނޑުގެ ބައިވެރިންނާއެކު މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކޮށް، ކަނޑުގެ ދިފާއީ އެއްބާރުލުން ވަރުގަދަކުރުމަށް ކަމަށް ޓިމް ވިދާޅުވިއެވެ. މީގެ މައިގަނޑު ބޭނުމަކީ ހަމަނުޖެހުންތައް ހުއްޓުވައި، ސަރަހައްދީ ހަމަޖެހުން ގާއިމުކޮށް، އެންމެނަށް ހަމަހަމަ މިނިވަންކަން ހިމާޔަތްކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެ ގައުމުގެވެސް ބޮޑު ކަންބޮޑުވުމެއްކަމަށާއި، އެކަން ހައްލުކުރުމަށް ރާއްޖެއާއެކު ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ބައި ގަރުނަށްވުރެ ދިގު ސިޔާސީ ތާރީހަށް އިޝާރާތްކުރައްވައި، ތައުލީމީ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގާތް ގުޅުން ޓިމް ފާހަގަކުރެއްވިއެވެ. އެގޮތުން، ގިނަ އަދަދެއްގެ ދިވެހިން އޮސްޓްރޭލިޔާގައި މަތީ ތައުލީމު ހާސިލުކުރަމުންދާކަމާއި، ކޮންމެ އަހަރަކު އެތައް ހާސް އޮސްޓްރޭލިޔާގެ ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތްކުރާކަން އޭނާ ބަޔާންކުރެއްވިއެވެ. މީގެއިތުރުން ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް ދެގައުމުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ހިދުމަތަށް ނެރުނު ކޯސްޓްގާޑް އުޅަނދަކީ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، ގާނޫނު ތަންފީޒުކުރުމަށާއި، ކުއްލި ހާލަތްތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޓިމް ވަޓްސް ވިދާޅުވިއެވެ. އަދި މި އުޅަނދުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމަށް އިތުރު ބާރަކާއި މަގުފަހިކަމެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް