އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ކަމަށެވެ. މި ބަދަލާއެކު، މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ އިތުރަށް ފުޅާވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ދިވެހި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ އާއި އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނެ ތަނެއް ކަމަށެވެ. ”މި ބަނދަރުގެ ޚިދުމަތްތައް ފެށުމާއެކު، މުދާ ހުސްކުރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
އެގޮތުން، މިހާރު ހަތް ދުވަހުން ހުސްކުރެވޭ ބޯޓުފަހަރު 24 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ އިންތިޒާމު ހަމަޖެހި، މުދާ ރައްކާކުރުމުގެ ލުއިފަސޭހަކަމާއެކު މުދަލުގެ އަގުތައް ހެޔޮވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި ހިންގާ ހޯލްސޭލް ވިޔަފާރިތައް ވެސް ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ. މީގެ ސަބަބުން އަތޮޅުތަކަށް މުދާ ފޮނުވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، މާލޭގެ ބަނދަރު ސަރަޙައްދުގެ ކާރުބާރު ބޮޑުކަން ކުޑަވެ، އެ ސަރަޙައްދަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް އަމާން އަދި ހިތްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



