- Advertisement -spot_img

މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ މީހުންނަށް ޚިދުމަތްދޭނީ އަތުގުޅާލައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ފަރާތްތަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަށް މައަހަރު ކަނޑައަޅާފައިވަނީ ”އިމް އަވަރ ސަޕޯޓް ސިސްޓަމް“ މި ޝިޔާރެވެ. މިޝިޔާރުން ބާރުއަޅަނީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ހައްގުވާ އެކަށީގެންވާ ފަރުވާއާއި ތައުލީމާއި ފުރުޞަތުތައް ލިބޭނެ ގޮތް ހެދުމަށް ވަށައިޖެހޭ ސަޕޯޓް ސިސްޓަމްތައް ހަރުދަނާކުރުމުގެ މުހިންމުކަމަށެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފަހަގަކުރަނީ އުފަންވުމުގައި ހުންނަ އުނިކަމެއްކަމުގައިވާ ޑައުންސިންޑްރޯމް ބައްޔާމެދު މީހުން ހޭލުންތެރިކުރުމުގެ މަޤުޞަދުގައެވެ. ޑައުންސިންޑްރޯމަކީ އުފެދުމުގައި ހުންނަ އައިބެކެވެ. ޑައުންސިންޑްރޯމް ޖެހުމަށް މެދުވެރިވަނީ ކްރޮމޮޒޯމަށް ދިމަވާ އުނިކަމެއްގެ ސަބަބުންނެވެ. އާދައިގެ ކުއްޖެއްގެ ހަށިގަނޑުގައި ކޮންމެ ކްރޮމޮޒެމެއްގެ ޖޯޑެއް ހިމެނޭ އިރު ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްގެ ހަށިގަނޑުގެ އެކާވީސްވަނަ ކްރޮމޮޒޯމްގައި ޖޯޑަކަށްވުރެ އިތުރަށް އެއް ކްރޮމޮޒޯމް އިތުރުވުމުންނެވެ.

ނަތީޖާއެއްގެ ގޮތުން މިކުދިންގެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުންނަކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އެގޮތުން އާދައިގެ ކުދިން ހިނގައިގަންނަ ޢުމުރުގައި މިފަދަ ކުދިން ހިންގައި ނުގަތުމާއި ވާހަކަ ދައްކާ ޢުމުރުގައި ވާހަކަ ނުދެއްކުންފަދަ ކަންކަން މެދުވެރިވެއެވެ. ހަމައެއާއެކު ދަސްކުރުމުގެ ހުނަރުވެސް މިކުދިންގެ ކިބާގައި ދަށްވުމުގެ ސަބަބުން އެހެން ކުދިންނަށްވުރެ އުނގެނުމުގެ ބައިގައި މިކުދިން ދަށްކަން ފާހަގަކުރެވެއެވެ. އެހެން ކުދިންނެކޭ އެއްފަދައިން މިފަދަ ކުދިންނަށްވެސް ހުރިހާކަމެއް ކުރެވޭނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އެހެން ނަމަވެސް މިކުދިންގެ ހަށިގަނޑުގެ މަސްތައް އެހެން ކުދިންގެ ހަށިގަނޑުގެ މަސްތަކަށްވުރެ ވަރުދެރަވާނެއެވެ.

ގުޅުންހުރި ލިޔުންތައް