- Advertisement -spot_img

މިއަދު އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން: ރައީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުން ކަމަށެވެ.

ރައީސްގެ މެސެޖުގައި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވި ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރެއްވިއެވެ. އަދި މިނިވަންކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން ކަމަށް ވިދާޅުވެ، މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ އިހްތިފާލްތައް މިއަދު ހެނދުނު 6:00 ގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުން ވަނީ ފެށިފައެވެ. ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު 9:00 ގައި މާލޭ ޒުވާނުންގެ މަރުކަޒުގައި އޮންނާނެއެވެ.

މީގެ އިތުރުން، ހަވީރު 16:30 ގައި ހުޅުމާލޭގައި ’މިނިވަން ދުވުން‘ ކުރިއަށްދާނެއެވެ. އަދި މިރޭ 20:30 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނައިރު، ހަމަ އެ ގަޑީގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ޕެރޭޑް ވެސް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ 26 ޖުލައި 1965 ގައި އިނގިރޭސިވިލާތުގެ ހިމާޔަތުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހެވެ. ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ އެންމެ ފަޚުރުވެރި ޤައުމީ އެއް ދުވަހުގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް