- Advertisement -spot_img

ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

14 މޭ 2026 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފުރަތަމަ ފަހަރަށް މި ބިލު ފާސްކުރައްވައި ތަޞްދީޤުކުރެއްވުމަށް ފޮނުއްވުމުން، 31 މޭ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން އެ ބިލު އަނބުރާ ފޮނުއްވާފައެވެ.

އެއަށްފަހު، 1 ޖުލައި 2026 ގައި ކުރިއަށްގެންދެވި އެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ 2026 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުމުގައި އެ ބިލަށް އިތުރު ބައެއް އިޞްލާޙުތައް ގެންނެވުމަށްފަހު، އެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވި ގޮތަށް، 14 ޖުލައި 2026 ގައި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ވަނީ އެ ބިލު ފާސްކުރައްވާފައެވެ.

މި ބިލު އެކުލަވާލައްވާފައިވަނީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަޤުޞަދުގައެވެ.

މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ޢާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ޙައްޤުތައް ބަޔާންކޮށްފައިވެއެވެ. ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ”އޯގަން ޓްރާންސްޕްލާންޓް ކައުންސިލް“ އިންނެވެ. އަދި ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ މި ޤާނޫނުގެ ދަށުން އެކުލަވާލާ ”އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ“ އިންނެވެ.

މީގެއިތުރުން، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި، ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބު މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް