- Advertisement -spot_img

ހަ ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުއްވައިފި

ހަ ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މިގޮތުން ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ އޮސްޓްރިއާ، ތުރުކުމަނިސްތާނު، ލާއޮސް، ގާނާ، ބުރުކީނާ ފާސޯ، އަދި މިޞްރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުންނެވެ.

ވަކިވަކިން މި ރަސްމިއްޔާތުތައް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރިޕަބްލިކް އޮފް އޮސްޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރަކީ ހިޒް އެކްސެލެންސީ ޑޮކްޓަރ ރޮބަރޓް ޓްސީގް އެވެ. ތުރުކުމަނިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރަކީ ހިޒް އެކްސެލެންސީ ޝަލާރް ގެލްޑެނަޒަރޮވް އެވެ. ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރަކީ ހަރ އެކްސެލެންސީ ވިތާޔާ ޒަޔާވޮންގ އެވެ.

މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރަކީ ހިޒް އެކްސަލަންސީ ޢާދިލް އިބްރާހީމް އެވެ. ރިޕަބްލިކް އޮފް ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރަކީ ހިޒް އެކްސެލެންސީ ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ އެވެ. ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރަކީ ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ އެވެ.

މި ރަސްމިއްޔާތުތަކަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، މިޤައުމުތަކުގެ ސަފީރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޑިޕްލޮމެޓިކް ތަމްރީނުތަކަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1 މާރިޗު 1978 ގައެވެ. ދިވެހިރާއްޖެ އާއި ތުރުކުމަނިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 25 ސެޕްޓެންބަރު 1992 ގައެވެ. އަދި ދިވެހިރާއްޖެ އާއި ލާއޮސް އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 10 ފެބުރުވަރީ 2012 ގައެވެ. ދިވެހިރާއްޖެއާއި ގާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 10 އޯގަސްޓު 1989 ގައެވެ. ދިވެހިރާއްޖެއާއި ބުރުކީނާ ފާސޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 29 ޑިސެމްބަރު 2011 ގައެވެ.

ގުޅުންހުރި ލިޔުންތައް