- Advertisement -spot_img

ތިން ޤައުމެއްގެ ސަފީރު އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ސްލޮވޭނިއާ، ސޯމާލިޔާ އަދި ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

ވަކިވަކިން މި ރަސްމިއްޔާތުތައް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވީ ސްލޮވޭނިއާގެ އައު ސަފީރު، ހިޒް އެކްސަލަންސީ ތޮމާޝް މެންސިން އާއި ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ، ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އޮޑަވާ އަދި  ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލަންސީ ލޫލްޒީމް ޕްލާނާ އެވެ.

މިފަރާތްތަކުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

އެއަށްފަހު، އައު ސަފީރުންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީފަދަ ކަންކަމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެޤައުމުތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވަނީ ޢަޒުމް އައުކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ސްލޮވީނިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 4 މާރިޗު 1996ގައެވެ. އަދި ދިވެހިރާއްޖެއާއި ސޯމާލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 10 މާރިޗު 1988 ގައެވެ. މީގެ އިތުރުން ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް