- Advertisement -spot_img

ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް

ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ސީދާ ދަތުރުތައް ފެށުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓް (އޭއެސްއޭ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑައިރެކްޓަރ ޖެނެރަލް ޔޯހަނެސް އަބޭރާ ބެލެޓޭއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ހިންގުމަށް ބޭނުންވާ ގާނޫނީ އަދި އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވާލެވޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އިތިއޯޕިއާއަކީ ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމުކުރި އެފްރިކާގެ ހަވަނަ ގައުމު ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރާއި، ފަތުރުވެރިކަމާއި އަދި ވިޔަފާރީގެ އާ މަގުތަކެއް ހުޅުވިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން އިތިއޯޕިއާގެ ގައުމީ އެއާލައިން، އިތިއޯޕިއަން އެއާލައިންސް އިން ވަނީ އެ ގައުމުގެ ވެރިރަށް އެޑިސް އަބާބާއިން ސީދާ ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ހަމައެއާއެކު، ރާއްޖޭގެ ގައުމީ އެއާލައިން ’މޯލްޑިވިއަން‘ އަށްވެސް އިތިއޯޕިއާއަށް ދަތުރުތައް ކުރުމުގެ ހުއްދަ މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ އެވެ.

އެޑިސް އަބާބާ އެއާޕޯޓަކީ އެފްރިކާގެ އެންމެ ބޮޑު އެއް އޭވިއޭޝަން ހަބަށް ވުމާއެކު، މި ދަތުރުތައް ފެށުމުން ދެކުނު އެމެރިކާ، އުތުރު އެމެރިކާ އަދި ހުޅަނގު ޔޫރަޕްގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ރާއްޖެއަށް އައުމުގެ ފުރުސަތު ފަހިވާނެ އެވެ. މިހާރު މި ސަރަހައްދުތަކުގެ ފަތުރުވެރިން ރާއްޖެ އައުމަށް ޓްރާންސިޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި މެދުއިރުމަތި ބޭނުންކުރާއިރު، ހަނގުރާމައާ ގުޅިގެން ފަތުރުވެރިންގެ ދަތުރުތަކަށް ބޮޑު އަސަރެއްކުރި އެވެ.

އެހެންވެ ސަރުކަރުން މަސައްކަތްކުރަނީ އެހެން ސަރަހައްދުތައް މެދުވެރިކޮށް، ރާއްޖެއަށް ފަތުރުވެރިން އާދެވޭނެ މަގުތައް ފަހިކުރުމަށެވެ. އެގޮތުން ސަރުކާރުން އަންނަނީ އެހެން ޤައުމުތަކާއެކުވެސް ވައިގެ އެއްބަސްވުންތައް ޤާއިމްކޮށް، ރާއްޖެެ އަންނަ ބައިނަލްއަޤުވާމީ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ސަރުކާރުން އެންމެފަހުން އެއަރ ސާވިސް އެއްބަސްވުން ޤާއިމްކުރީ އޮސްޓްރޭލިއާއެކުއެވެ. އެ އެއްބަސްވުމުގެ ދަށުން ޤައުމީ އެއާލައިން، މޯލްޑިވިއަންއިން އަންނަނީ އެ ޤައުމާ ދެމެދު ސީދާ ދަތުރުތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް