ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ”ކުރަނގި“ އޮޕަރޭޝަނުން 100،000 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔަތާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެވުޒާރާއިން ކުރިޔަށް ގެންދާ އޮޕަރޭޝަން ”ކުރަނގި“ އާއި ގުޅޭ މައުލޫމާތު ހިއްސާކޮށް މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން 2 މެއި 2024 ގައި ފެށުނު މި އޮޕަރޭޝަނުން ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދުން އެކަނި 65،000 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށްވެސް އެވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ކުރީގެ ސަރުކާރުގެ 5 އަހަރު ނިމުނުއިރު އެއްކުރެވިފައި ވަނީ 40 ހާސް ބިދޭސީންގެ މަޢުލޫމާތު އެކަނިކަން ހާމަކޮށް އެވުޒާރާއިން ބުނީ މިހާތަނަށް މި ސަރުކާރުން އެ އަދަދު ދެގުނަ އަށްވުރެ އިތުރުކޮށްފައިވާ ކަމަށާއި މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ހަމައެއާއިއެކު، އޮޕަރޭޝަން ”ކުރަނގި“ ނިމުމާއެކު، ބިދޭސީ މަސައްކަތްތެރިން ގެނައުމަށް މިހާރު އޮތް ހަރުކަށި އުސޫލުތަކަށް ލުއިތަކެއް ގެނެވޭނެކަމަށް ވެސް އެވުޒާރާއިން މައުލޫމާތުދެއެވެ. އަދި މިހާތަނަށް މަޢުލޫމާތު ހިއްސާކޮށްފައިނުވާ ބިދޭސީން 30 އޭޕްރީލް 2025 ގެ ކުރިން ފޮރިން ލޭބަރ ޑިޕާޓްމަންޓަށް މަޢުލޫމާތު ހުށަހެޅުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކޮށްފައިވެއެވެ.
މި އޮޕްރޭޝަންގެ ތެރެއިން އަތޮޅުތަކުގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރެވިގެންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް 58 ރިސޯޓެއްގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާއިރު މިހާރުވެސް 112 ރިސޯޓެއްގައި މި މަސައްކަތްކުރެވެމުންދާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.



