- Advertisement -spot_img

ގްލޯބަލް އެއާލައިންސްގެ އުދުހުންތަކުގެ ފުރަތަމަ މަންޒިލަކަށް ރާއްޖެ

އިނގިރޭސިވިލާތުގެ އައު ކުންފުނި ”ގްލޯބަލް އެއާލައިންސް“ އިން އަންނަ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި އެއާބަސް އޭ380 މަރުކާގެ ބޯޓުތަކުގައި ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެ ކުންފުނީގެ އަމާޒު ކުރިން ހުރީ އެމެރިކާގެ ނިއުޔޯކް އަދި ލޮސް އެންޖެލެސްއަށް އުދުހުންތައް ފެށުމަށެވެ. އެހެންނަމަވެސް، މި ވިސްނުން ބަދަލުކޮށް ދިވެހިރާއްޖެއަށް އިސްކަންދިން ސަބަބު ހާމަކުރައްވަމުން އެ ކުންފުނީގެ ބާނީ ޖޭމްސް އެސްކިއުތު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ގިނަ ބައެއްގެ ހުވަފެނީ މަންޒިލަކަށް ވުމާ އެކު، އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ސީދާ ފްލައިޓުތައް އިތުރުކުރަން ވަނީ މަޖުބޫރުވެފައެވެ.

ދަތުރުތަކުގެ އިތުބާރު ދެމެހެއްޓުމާއި މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި، ގްލޯބަލް އެއާލައިންސްގެ ފްލީޓަށް އިތުރު މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިންވަނައަށް އެންމެ ބޮޑު މާކެޓެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު، އެ ގައުމުން 89،242 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް