- Advertisement -spot_img

އިގްތިޞާދީ ގުޅުން ބިނާ ވަނީ މާލީ ދާއިރާގެ ފުރުޞަތުތަކަށް: އިންޑިއާ ސަފީރު

ރާއްޖެއާއި އިންޑިއާގެ އިގުތިޞާދީ ގުޅުމުގެ މުސްތަޤުބަލު ބިނާވެފައިވަނީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، އިޤްތިޞާދީ ވުޒާރާއިން ސިލްސިލާކޮށް ގެނެސްދޭ ”ޓްރޭޑް ޑެސްކް ވިތް އަނާ“ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން ވަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި މިހާރުވެސް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަން ފާހަގަކުރައްވާ ބ. އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ކުންފުންޏެއް އޮތްއިރު، މި އަހަރުގެ ތެރޭގައިވެސް އިތުރު އިންވެސްޓްމެންޓެއް އިންޑިއާގެ އެހެން ކުންފުންޏަކުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ރިސޯޓްތައް އިތުރުކުރުމަށްޓަކައި އިންޑިއާގެ 6 ނުވަތަ 7 ކުންފުންޏެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން، ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީ ގުޅުމުގެ މުސްތަޤުބަލު އޮތީ މާލީ ދާއިރާގެ ފަންނިއްޔާތުގެ ތެރޭގައި ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ފިންޓެކް، ހަކަތަ ފޯރުކޮށްދިނުން އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނޭ ކަމަށާއި ޔޫ.ޕީ.އައި ފަދަ ފިންޓެކް ނިޒާމުތައް ރާއްޖޭގައި ގާއިމުކުރުމަށް ދިވެހި ސަރުކާރާއި ”ޕޭމަންޓް މޯލްޑިވްސް“ އާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ބާލަސުބްރަމާނިއަން ވިދާޅުވީ، އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށް ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައި ވާއިރު، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައްވެއް ފެށިފައިވާ ކަމަށާއި، އެކަމުގެ ”ޓާމްސް އޮފް ރިފަރެންސް“ ގައި މިހާރު ސޮއިކުރައްވާފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ސާކްގެ އޮނިގަނޑުގެ ދަށުން މިހާރު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރަމުންދަނީ ”ސަފްޓާ ޕްލަސް“ ފެންވަރުގެ ދޭދޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށް ކަމަށެވެ. އޭގެ ސަބަބުން ދިވެހިންނަށާއި އިންޑިއާ މީހުންނަށް މުދަލާއި ހިދުމަތް އެކްސްޕޯޓްކުރުމުގައި ހުރި ހުރަސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.މީގެ އިތުރުން ކަނޑުމަހުގެ ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި މިހާރުވެސް އެއްވެސް ޑިއުޓީއެއް ނުނަގާ ކަމަށް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ހިދުމަތްތަކުގެ ވިޔަފާރިކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް