- Advertisement -spot_img

އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާ ސަފީރަކަށް ދިޔާނާ އައްޔަންކުރަން މަޖިލީހަށް

ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން، އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރައްވަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ދިނާޔާ އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީ މިއަދު މަޖިލީހުގައި ވަނީ އިއްވަވާފައިވެއެވެ. އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް، މަޖިލީހުގެ ޚާރިޖީގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ފޮރިން ސަރވިސްގެ މަޤާމަށް ދިޔާނާ އައްޔަންކުރެއްވުމުގެ ކުރިން، އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުއެވެ. ދިޔާނާ ވަނީ ސަރަހައްދީ ޖަމްޢިއްޔާ ސާކްގެ ސެކްރެޓަރީ ޖެނެރަލްކަންވެސް އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް