އެއާ އެމްބިއުލާންސް ހިދުމަތް ދޭން ފެށިތާ އެއް އަހަރުވީ އިރު މިހާތަނަށް ހާހެއްހާ ބަލި މީހުން އުފުލިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީނު މިއަދު ވިދާޅުވެއްޖެއެވެ.
އެކަން ފާހަގަކުރުމަށް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުން އެކަން ކުރިން ކުރަމުން ދިޔައީ، ޖާގަ ލިބޭ ވަރަކުން ކަމަށެވެ. އެކަމަކު މިހާރު އަބަދުވެސް ތައްޔާރީ ހާލަތުގައި އޮތް އެއާ އެއާބިއުލާންސްގައި ކުއްލި ހާލަތެއްގައި ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
”ޑެޑިކޭޓެޑް ކްރޫން އެބަ ތިބި. ޑެޑިކޭޓެޑް މަތިންދާބޯޓެއް މިއޮތީ. މީގެ އިތުރުން ރިކުއާމެންޓެއް އަތުވެއްޖިއްޔާ އެމަޖެންސީ ހާލަތުގައި އޮޕަރޭޓު ކުރެވޭނެ ކަމަށް ސަރުކާރުން ހަމަޖައްސާފައި އޮތީ،“ އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއް އަހަރުވީ އިރު ލިބޭ އެންމެ ބޮޑު އުފަލަކީ އެމަޖެންސީ ހާލަތުގައި ބޭނުންވާ ހުރިހާ ހިދުމަތަކާ އެކީގައި އެކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، މިދިޔަ އަހަރުގެ މާޗް 1 ވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސް ހިދުމަތް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އެއާ އެމްބިއުލާންސްގައި ހަރުކުރަން ޖެހޭ ހުރިހާ އެއްޗެއް ހުންނާނެ ކަމަށެވެ.
”ހެލްތު ނިޒާމެއްގައި ވަރަށް މުހިއްމު ކަމެއް އެމަޖެންސީ ހިދުމަތް ރަނގަޅަށް ދެވޭނެ ގޮތެއް ހަމަޖެހިފައި އޮތުން. ހާއްސަކޮށް ޖިއޮގްރަޕީ ގޮތުން މިގޮތަށް އުފެދިފައި އޮތް ގައުމެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ވަރަށް މުހިއްމު ހިދުމަތެއް،“ އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޭތުވެދިޔަ އެއް އަހަރު ތެރޭ، އެއާ އެމްބިއުލަންސްގައި 700 އަށް ވުރެ ގިނަ ދަތުރުކުރި ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ރައީސްގެ އިރުޝާދުފުޅާއި އެއްގޮތަށް ހިދުމަތް އިތުރަށް ރަނގަޅު ކުރާނެ ކަމަށާއި އެއާ އެއްކޮށް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތައް ވެސް ރަނގަޅު ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.