- Advertisement -spot_img

ވޯލްޑް ކަޕް: ވަރުގަދަކަމަށް ބުނި ބްރެޒިލް ސައިޒުކޮށް ނޯވޭ ކުއާޓާ ފައިނަލަށް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު 2-1 އިން ބްރެޒިލް ބަލިކޮށް ނޯވޭއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ނޯވޭގެ ތަރުތީބު ރޭވުންތަކާއި ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނޯވޭއިން މެޗުގެ ކޮންޓްރޯލް ހޯދީ 67 އިންސައްތަ ބޯޅަ ހިފަހައްޓައިގެން، ޓެކްޓިކަލް ގޮތުން މޮޅު ކުޅުމެއް ދައްކައިގެންނެވެ.

ނޯވޭއަށް ލީޑު ނަގައިދިނީ މެޗުގެ 79 ވަނަ މިނެޓުގައި ޝްޖެލްޑަރަޕް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުން ހާލަންޑެވެ. އޭގެ ދިހަ މިނެޓު ފަހުން، 89 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނޯވޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.

ބްރެޒިލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާއެވެ. ނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާއަށް ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ. މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.

މި ނަތީޖާއާއެކު ބްރެޒިލަށް ނޯވޭ އަތުން މޮޅުނުވެވުމުގެ ރެކޯޑު ވަނީ ދެމިގެން ގޮސްފައެވެ. މީގެ ކުރިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ނޯވޭއިން ވަނީ ބްރެޒިލް ބަލިކޮށްފައެވެ. މިއީ 28 އަހަރަށްފަހު ނޯވޭއިން ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ކުއާޓާ ފައިނަލުގައި ނޯވޭ ބައްދަލުކުރަން ޖެހޭނީ މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިއީ ނޯވޭގެ ފުޓްބޯޅަ ތާރީޚުގައި ވޯލްޑް ކަޕެއްގައި އެ ގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ގުޅުންހުރި ލިޔުންތައް