ހުޅުމާލެ ހޮސްޕިޓަލުންް އާ މެޑިކަލް އިންޓާންޝިޕަކަށް ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ އެތަނުގައި އިންޓާންޝިޕް ފުރިހަމަ ކުރަން ބޭނުންވާ ޑޮކްޓަރުކަން ކިޔަވާފައިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އިންޓާންޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ މެޑިކަލް ކޮލެޖް/ޔުނިވަސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ”ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން“ ސެޓްފިކެޓް އޮތުމުގެ އިތުރަށް ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުމެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރި ފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލްގެ 3350134 އަދި 3350118 އިން ހޯދޭނެއެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން މިހާރު އިންޓާންޝިޕް ކުރިއަށް ގެންދާ ހޮސްޕިޓަލްތަކަކީ އައިޖީއެމްއެޗާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ކުރިއަށް ގެންދަން ފެށީ މިދިޔަ އަހަރުއެވެ.



