ގދ. ގައްދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައެވެ.
ގައްދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީއިން ބުނީ ގައްދޫ ބަނދުރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިންމާފައިވާ ކަމަށެވެ.
ޖުމްލަ 38.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން، ބަނދަރުގެ ބައެއް ސަރަހައްދުތަކާއި އަލަށް އިތުރުކުރެވުނު ބައި ހިމެނޭހެން ބޮޑު ސަރަހައްދެއް ފުންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ބަނދަރު ހިމާޔަތްކުރުމުގެ ގޮތުން 232 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ޖަހައި، 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 1600 އަކަމީޓަރުގެ ޕޭވްމަންޓް ހަދައި، ނެވިގޭޝަން ދެ ލައިޓާއި 25 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން، 16 މަގުބައްތި ވެސް ވަނީ ހަރުކޮށްފައެވެ. އެމްޓީސީސީން އިތުރަށް ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ގައްދޫ ބަނދަރު ސަރަހައްދުގައި ކޮންކްރީޓް ބްރިޖެއް ވެސް ވަނީ އަޅާފައެވެ.



