ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފައިވާ ގޮތުގައި، ހއ. އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
ހަމައެހެންމެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލެ ދޯދި ފްލެޓްތަކަށް ފެން ވަނުމުގެ އިތުރުން ވައިގަދަވުމުގެ ސަބަބުން ވިނަރެސްގެ އެޕާޓްމަންޓެއްގެ ކުޑަދޮރު މަގުމައްޗަށް ވެއްޓިފައިވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.



