- Advertisement -spot_img

ވޯލްޑް ކަޕް: ގާނާ އަތުން އިންގްލެންޑަށް ލިބުނީ ޕޮއިންޓެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ކުޅުނު ދެ ވަނަ މެޗުގައި ލަނޑެއް ނުޖެހި 0-0 ގާނާއާ އެއްވަރުވެއްޖެއެވެ.

ގްރޫޕް އެލްގައި ކުޅުނު ފުރަތަމަ މެޗުތަކުން އިންގްލެންޑާއި ގާނާ ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، އިންގްލެންޑުން މޮޅުވީ ކްރޮއޭޝިއާ އަތަން 4-2 އިންނެވެ. އަދި، ގާނާ އިން ފަހު ވަގުތު ލަނޑު ޖަހައި، 1-0 އިން ޕެނަމާ ބަލިކޮށްފައެވެ.

ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގާނާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ދެ ވަނަ ހާފުގައި އިންގްލެންޑުން ކޯނަރާއި ހިލޭޖެހުންތަކުގައި އޭރިއޭތެރެއަށް ރަނގަޅު ބޯޅަތަކެއް ކުޅުނު ނަަމަވެސް، އޭގެއިން ވެސް މާބޮޑު ފައިދާއެއް ނެގޭ ގޮތް ވަނީ ނުވެފައެވެ.

މި މެޗުގައި އިންގްލެންޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 85 ވަނަ މިނެޓްގަ އެވެ. އެގޮތުން އިންގްލެންޑްގެ ނިކޯ އޯރައިލީ ބޮލުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސުން ކޭން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑް ބައްދަލުކުރާނީ ޕެނަމާއާއެވެ. ގާނާ ނިކުންނާނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް