- Advertisement -spot_img

އިސްލާމްދީން ހިމާޔަތްކޮށް ގައުމަށް ތަރައްގީ ގެނައުމަކީ ސަރުކާރުގެ މައިގަނޑު ފިކުރު: ރައީސް

ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީގެ ފިކުރަކީ އިސްލާމްދީން ހިމާޔަތްކޮށް، ގައުމުގައި އަމާންކަން ގާއިމުކުރުމާއެކު ތަރައްގީ ހޯދައިދިނުމުގައި ސާބިތުވެ އޮތުމެވެ.

ސަރުކާރުން ކުރިއަށްދަނީ އަދި ކުރިއަށް އޮތް ތަނުގައިވެސް ދާނީ އިސްލާމްދީން މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތުގެ މަތީގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު، ގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދީ، ހުރިހާ ސިފައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަތްތަކުންނާއި، ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ރައްޔިތުންނަށް ފެނިފައިވަނީ މި ސިޔާސަތުތައް ތަންފީޒުކުރަމުންދާ މަންޒަރު ކަމަށާއި، މި އަމާޒަށް ދަތުރުކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރަސްމީކޮށް ފަށައިގެން ކުރިއަށްދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމަށާއި، ވަކި ގައުމަކުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރުމުގެ ބަދަލުގައި، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް އަމަލުކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. މި ސިޔާސަތުގެ ދަށުން ރާއްޖެއިން އެއްވެސް ގައުމަކާ ރުޅިވެރިކަމެއް ނޯންނާނެ ކަމަށާއި، ނަމަވެސް އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެކަން ކަށަވަރުކޮށްދެއްވަމުން، އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

ގައުމުގެ އިގުތިސާދީ ހާލަތާއި ދަރަނީގެ މައްސަލަތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ ތަފާސްހިސާބުތަކުގެ އަލީގައި މައުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދަރަނި އަދާކުރަން މިހާތަނަށް ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ ކުރީގެ ފަސް ރައީސުންގެ ވެރިކަމުގައި ނަގާފައިވާ ދަރަނިތަކެވެ. މީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 891 މިލިއަން ޑޮލަރާއި، ރައީސް ޔާމީނުގެ ސަރުކާރުގެ 195 މިލިއަން ޑޮލަރާއި، ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގެ 62.5 މިލިއަން ޑޮލަރުގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރުގެ 38.1 މިލިއަން ޑޮލަރު ހިމެނެއެވެ. މި ފައިސާގެ ތެރެއިން މި ސަރުކާރުން ނެގި ދަރަނީގެ ގޮތުގައި ހިމެނެނީ އެންމެ 4 މިލިއަން ޑޮލަރު ކަމަށާއި، ސަރުކާރު ފެށުނުއިރު ދައުލަތުގެ ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 123.6 އިންސައްތައިގައި ހުރިއިރު، މިއަހަރުގެ މެއި މަހާ ހަމައަށް އެ ނިސްބަތް 121.2 އިންސައްތައަށް ތިރިކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް