ފީފާ ވޯލްޑް ކަޕާއި ދިމާކޮށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމާއި ތަކެތި ވިއްކާކަމަށް ބުނެ ހިންގާ ސްކޭމްގެ އަމަލުތައް އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ވޯލްޑް ކަޕް ފެށުނު ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އޮޅުވާލައިގެން ވިޔަފާރި ހިންގަމުންދިޔަ ޓިކްޓޮކް އެކައުންޓެއް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ސްކޭމްގެ ކުށްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. ޚާއްޞަކޮށް ރަމަޟާން މަހާއި، ސްކޫލު ބަންދު ދުވަސްވަރުގެ އިތުރުން އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށްދާ ދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ތައްޔާރުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”މިކަހަލަ ދަނޑިވަޅުތަކަށް ސްކޭމަރުން ވަރަށް ދުރާލާ ތައްޔާރުވޭ މިހާރު މިއޮތީ ވޯލްޑް ކަޕް ދުވަސްވަރު ފެށިފައި. ސްކޭމަރުން މި ދުވަސްވަރު މިކަހަލަ ފޯރި ނަގާ ދުވަސްވަރުތަކުގައި އެ ފަރާތްތަކުން އެބަ ރުކުރުވާލާ،“ ނަވީދު ވިދާޅުވިއެވެ.
ނަވީދު ފާހަގަކުރެއްވި ގޮތުގައި ވޯލްޑް ކަޕް މެޗުތައް ބަލާ ގަޑިތަކުގައި ކެވޭނެ ލުއި ކާނާއާއި، ޓީމުތަކުގެ ޖޯޒީތައް އާދަޔާ ޚިލާފަށް އަގުހެޔޮކޮށް ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން މީހުން ހެއްލުމަށް މަސައްކަތް ކުރެއެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އެއްވެސް ޚިދުމަތެއް ނުވަތަ މުދަލެއް އަތަށް ނުލިބެނީސް ފައިސާ ނުދެއްކުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އުކުޅަކީ ކަމެއް ވަރަށް އަވަސްކުރަން ޖެހިފައިވާ ކަމަށް ދެއްކުން ނުވަތަ ’އާޖެންސީ‘ އެއް އުފެއްދުން ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްޙަ ފަރާތެއްތޯ ބަލައި ކަށަވަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ވޯލްޑް ކަޕާ ގުޅުވައިގެން ސްކޭމް ހިންގާ އިތުރު އެކައުންޓްތަކެއް މިހާރުވެސް ވަނީ ފާހަގަކުރެވިފައެވެ. އެ އެކައުންޓުތައް ބަންދުކޮށް، އެ މައްސަލަތައް އިތުރަށް ތަހުޤީގު ކުރަމުންދާއިރު، އަމިއްލަ ފައިސާއާއި މައުލޫމާތު ރައްކާތެރި ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



