ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އިތުރު 100 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނެޑާ ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރެއްވީ ފްރާންސްގެ ޕެރިހުގައި ބޭއްވި ކޮންފަރެންސެއްގައި ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދުއެވެ.
މި އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އދ. ގެ އެޖެންސީތަކާއި، ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ހަރަކާތްތަކުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށެވެ. މި އާ އެހީއާއެކު ފަލަސްތީނަށް ކެނެޑާއިން ފޯރުކޮށްދިން ޖުމްލަ އެހީގެ މިންވަރު މިހާރު ވަނީ 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
ކެނެޑާގެ ގްލޯބަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ކުއްލި ސިއްހީ ފަރުވާއާއި، ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ނަރުދަމާގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. މިއީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއި ހުޅަނގު އައްސޭރީގައި ގޯސްވަމުންދާ ހާލަތުގެ ސަބަބުން އަސަރުކޮށްފައިވާ އާންމުންނަށް އެހީވުމަށް ދެވޭ ފައިސާއެކެވެ.
މި އެހީ އިއުލާނުކޮށްފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭއްވި ”ޕެރިސް ކޯލް ފޯ ދަ ޓޫ-ސްޓޭޓް ސޮލިއުޝަން“ ކޮންފަރެންސްގައެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުން ވަނީ ދެ ދައުލަތުގެ ހައްލު ގާއިމުކުރުމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ކެނެޑާއާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން ”އިންޓަނޭޝަނަލް ޕީސް ފަންޑު“ ގެ ނަމުގައި އާ ފަންޑެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ. މި ފަންޑުގެ މަގްސަދަކީ ދެ ދައުލަތުގެ ހައްލަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމެވެ. މި ތިން ގައުމުން ކުރެ ކޮންމެ ގައުމަކުން ފުރަތަމަ މަރުހަލާގައި 1.3 މިލިއަން ޑޮލަރު މި ފަންޑަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.



