- Advertisement -spot_img

ރައީސްގެ ބޭފުޅުންނާ ގުޅުވައި ދެއްކި ހަޤީގަތާއި ހިލާފު ވާހަކަތަކާ ގުޅިގެން މަދަނީ ފިޔަވަޅު އަޅަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މި ރޯދަމަހު ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް، ހާއްސަކޮށް އެމަނިކުފާނުގެ ތުއްޕުޅު ބޭފުޅުންނަށް އަމާޒުކޮށް ދައްކަމުންދާ ހަޤީގަތާއި ހިލާފު ވާހަކަތަކާ ގުޅިގެން މަދަނީ ގޮތުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާގެ ފަރާތުން ހާމަކުރައްވައިފިއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލް އާޒިމާ ޝުކޫރު ވަނީ، ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަށް ފިޔަވަޅުއެޅުމަށް ނިންމާފައެވެ. އަދި މީގެއިތުރުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް މަރިޔަމް ޒުބައިރު ދެއްކި ވާހަކަ ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރި ޕޯސްޓަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަންވެސް އާއިލާއިން ވަނީ ހާމަކުރައްވާފައެވެ.

“ މި ނިންމެވުމަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގެން އެޅުއްވި ފިޔަވަޅެއް. މިހާހިސާބަށް ދިޔައިރު ދެކެވިފަ ހުރި ވާހަކަތަކުން އެ ކުދިންގެ މުސްތަގުބަލަށް، އަދި ކިޔެވުމަށް، ރައްކާތެރިކަމަށް އެންމެ މުހިއްމު އެންޑޭންޖާމެންޓްގެ ކަންތައްތަކެއް ހިނގައިގެން ގޮއްސި. “  އާޒިމާ ވިދާޅުވި އެވެ.

ރައީސްގެ އާއިލާއިން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން

ކުޑަކުދިންނަކީ ގާނޫނު އަސާސީ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައީސްގެ ބޭފުޅުންނަށް ލިބިދެވޭ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެ އާޒިމާ ވަނީ މި ހަފްތާގައި ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އާޒިމާ އިތުރަށް ވިދާޅުވީ ރައީސްގެ ބޭފުޅުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅޭ ވަރުގެ ކަންކަން ހިންގާފައިވާ ކަމަށާއި މިއީ ޖިނާއީ މައްސަލައެއް ނަމަވެސް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނިންމަވާފައިވަނީ މަދަނީ ގޮތުން މި މައްސަލައިގައި ކުރިއަށް ގެންދިއުމަށާއި ދައުވާ އުފުލުމަށް މިހާތަނަށް ނިންމާފައިވަނީ އެމްޑީޕީ، ފައްޔާޒް އިސްމާއީލް އަދި މަރިޔަމް ޒުބައިރުގެ މައްޗަށް ކަމަށެވެ.

މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސްގެ އާއިލާގެ ފަރާތުން ނިންމަވާފއިވާއިރު ގިނަ ބަޔަކު އަންނަނީ އެމްޑީޕީގެ މި ނާތަހުޒީބު އަމަލު ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެ އަމަލުތައް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިންގުން ހުއްޓުވުމަށް ގޮވާލަމުންނެވެ.

ގުޅުންހުރި ލިޔުންތައް