spot_img

ފުލުހުންގެ ޑިއުޓީގައި ހުއްޓައި ނިޔާވި އާސިފްގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

ފުލުހުންގެ ޑިއުޓީގައި ހުއްޓާ ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ. މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި އެ ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލެހެއްޓެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ފުލުހުން މައުލޫމާތު ދެއްވާގޮތުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި “ޕޮލިސް ލޯންޗް 57” ގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށެވެ. އެގޮތުން އެ ލޯންޗުގައި ތިބި ފުލުހުންގެ ތެރެއިން އަޙްމަދު އާސިފް ގެއްލުނު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ފެނުނީ މޫދު އަޑިން ކަމަށް ވިދާޅުވިއެވެ.

އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު އާޞިފް ނިޔާވިއިރު ހުންނެވީ ސީނިއާ ސާޖަންޓްގެ މަޤާމުގައެވެ. ނަމަވެސް އޭނާގެ މަޤާމު މިހާރު ވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްއަށް ބަދަލުކުރައްވާފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް