ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓުއި އެކްސްޕޯޓު ކުރާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، ’ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު‘ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ގެޒެޓުކޮށްފިއެވެ.
އަލަށް އެކުލަވާލި މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓުމާއި، އެކަންކަމަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ. މި ގަވާއިދުގައިވާ ގޮތުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ’ފުޑް ގްރޭޑަޑް‘ މެޓީރިއަލްއަކުން ކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕެޓު ފުޅި ފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މިގަވާއިދާއި ޚިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކަށް ބަލާއިރު، ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވާ ފަރާތްތަށް 10,000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަސްލު އޮޅޭގޮތަށް ލޭބަލްކުރާ ފަރާތްތައް 10,000ރ. އާއި 750,000ރ. އާ ދެމެދުން ޖޫރިމަނާކޮށް، ލައިސެންސް ބާތިލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ބަންދުކުރުމުގެ މިންގަނޑާ ހިލާފުވާ ފަރާތްތައް 5,000ރ. އާއި 100,000ރ. އާ ދެމެދުން ޖޫރިމަނާކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކުށުގެ ސީރިއަސް ކަމަށް ބަލައި ފުރަތަމަ ފަހަރުވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭ އަށް ދީފައިވެއެވެ. އަދި ގަވާއިދާ ހިލާފުވާ އަމަލަކީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ނަމަ، އެ ފަރާތަކަށް ޖިނާއީ ދައުވާވެސް އުފުލާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން ބޭނުންކުރަމުން އައި ’ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު‘ މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް، މިހާރު ބަންދުކޮށް ލޭބަލްކޮށްފައިވާ ތަކެތި އާ ގަވާއިދުގެ މިންގަނޑަށް ފެއްތުމަށްޓަކައި ވިޔަފާރިވެރިންނަށް 6 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.



