އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަހަރުގެ ކުޑަ އިދާއި ދިމާކޮށް ޝެޑިއުލް ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިން އިން ބުނިގޮތުގައި އެ ކުންފުނީގެ ސީޕްލޭން ޝެޑިއުލް ދަތުރުތައް މާރިޗް 31 ގައި ބ. އަތޮޅު ފުޅަދޫއަށް ފަށާނެއެވެ. މީގެ ސަބަބުން މިހާރު ބ. އަތޮޅަށް ކުރާ ދިގު ދަތުރު 25 މިނެޓަށް ކުރުވެ، ބ. އަތޮޅު ފުޅަދޫ ކައިރީގައި އޮންނަ ފެހެންދޫ ގޮއިދޫ ބަލަން ދިއުމުގެ ފުރުސަތުވެސް ލިބިގެން ދާނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
މިއީ ކުރިއަށް އޮތް އީދު ޗުއްޓީއާ ދިމާކޮށް، ފަށަން ނިންމާފައިވާ ދަތުރުތަކަކަށް ވާއިރު، ޑިމާންޑަށް ބަލައި ދަތުރުތައް މޯލްޑިވިއަން އިން ދާނީ އިތުރު ކުރަމުންނެވެ.
މޯލްޑިވިއަން އިން ވަނީ މިހާރުން ފެށިގެން ދަތުރުތައް ބުކް ކުރުމަށް ހުޅުވާލައިފައެވެ.
ފުޅަދޫއަކީ ދިވެހިންގެ މެދުގައި އާއި ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު މަންޒިލެކެވެ. މިރަށުގައި މިހާރުވެސް 9 ގެސްޓް ހައުސް ހިންގަމުން ދާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ދެ ޑައިވިންގ ސްކޫލާއި ހަ ރެސްޓޯރެންޓްވެސް ހިންގަމުން ދެއެވެ. އަދި މިރަށް ކައިރީގައި އޮންނަ ފެހެންދޫ އާއި ގޮއިދޫއަކީ، މިރަށާއި ކައިރީގައި އޮންނަ ރަށްތަކެއް ކަމުން، ދިވެހިން މިރަށަށް އައުމަށްފަހު މި ދެ ރަށަށް ގޮސް ހަދައެވެ.
މީގެ ކުރިން އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަކެއް މިރަށަށް ކުރިއެވެ. އަދި އެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.