- Advertisement -spot_img

ސިޔާސީ މައިދާނުގައި އަބަދުވެސް ހުންނާނީ ރައީސްގެ އުފެއްދުންތެރި ފިކުރާއެކު: ޒަމީރު

ޕީއެންސީގެ ތެރެއިން ނުގެއްލޭނެ ކަމަށާއި، ސިޔާސީ މައިދާނުގައި އަބަދުވެސް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުފެއްދުންތެރި ފިކުރާއެކު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޫސާ ޒަމީރު ވަނީ އޭނާ މަޤާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެވެ. ސިއްޙީ ޙާލަތު ހުރިގޮތުން ގިނަ ދުވަހު މަސައްކަތުގައި ނޫޅެވޭނެކަން ފާހަގަކުރައްވައި، އިޤްތިޞާދީ ގޮތުން ދަތި އުނދަގޫ މި ޙާލަތުގައި ފިނޭންސް މިނިސްޓްރީގެ މަޤާމުގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަނީ މައިގަނޑު ދެ ފިކުރެއްކަން ފާހަގަކުރައްވައި، ޒަމީރު ވިދާޅުވީ ލީޑަރުން ބަދަލުވުމާއެކު ޕާޓީތަކުގެ ނަމަށް ބަދަލު އައި ނަމަވެސް، ރައްޔިތުން ތިބީ އެއް ފިކުރެއްގައި ކަމަށެވެ. އަދި މިހާރު މި ފިކުރު ދިރުވުމަށް އެންމެ އިސްކޮށް ހުންނެވީ ރައީސް މުޢިއްޒު ކަމަށާއި، އެމަނިކުފާނު ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގެ ޔަޤީންކަން ޒަމީރު ދެއްވިއެވެ.

މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ތަޢުރީފު ކުރައްވަމުން ޒަމީރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ސަރުކާރުން ދައްކާފައިވާ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދީ ދަތިކަމުގެ މި ޙާލަތުގައި ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ފިޗް ރޭޓިންގގައި ރާއްޖެ އެއް ދަރަޖަ މައްޗަށް ޖެހިފައިވާކަން ފާހަގަކުރައްވައި، އެއީ ދުނިޔެއިން ބަލައިގަނެފައިވާ އަދި ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް