- Advertisement -spot_img

ވީއައިއޭގައި ނަންވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ ކާމް ރޫމެއް ހުޅުވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އެކެއްގައި ނަންވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ކާމް ރޫމެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އިއްޔެ ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ޤާއިމުކުރި މުހިންމު ތަނެކެވެ.

މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ބޮލި ނަމުގައި އެމްއޭސީއެލްއިން ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން އެއަރޕޯޓުތަކުގައިވެސް ހިންގާ މިފަދަ ޕްރޮގްރާމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ކާމް ރޫމަކީ ނަންވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް އެއަރޕޯޓުގެ މާހައުލުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންސަރީ ވަސީލަތްތައް ޤާއިމުކުރެވިފައިވާ ތަނެކެވެ.

މި ކާމް ރޫމުގައި ތަފާތު ސެންސަރީ އައިޓަމްތަކާއި އެކްޓިވިޓީސްތަކުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ފަސިންޖަރާއެކު އަންނަ ބެލެނިވެރިއަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްއިން ހާމަކުރާ ގޮތުގައި މި ލެންޔާޑުގެ ސަބަބުން، އެ ފަސިންޖަރަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން އެއަރޕޯޓުގެ މުވައްޒަފުންނަށް ދެނެގަންނަން ފަސޭހަވެ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމަކީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒެވެ.

ގުޅުންހުރި ލިޔުންތައް