ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު އާންމު ނުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެދިއްޖެ

ކުޑަކުދިންގެ ޒާތީ މައުލޫމާތު ދެނެގަނެވޭނެ ފަދަ މައުލޫމާތު ތަކާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަށް އަންނަ ފަދަ މައުލޫމާތު އާންމު ނުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެދިވަޑައިގެންފިއެވެ.

މިކަމާއި ގުޅިގެން އެވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުޑަކުދިންގެ ކާރާމާތައް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަމަށާއި، މިގޮތުން ކުއްޖާގެ ނަމާއި، އެޑްރެހާއި، ތައުލީމް ހާސިލް ކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ކުދިންގެ ތަސްވީރެއް، ނުވަތަ ސިދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެ ނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށެވެ.

އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާ ކަމެއް ކަން އެ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.

އެގޮތުން މީސް މީޑިއާގައި ދައުރުކުރާ ފޮޓޯތަކާ ވީޑިއޯތަކުގެ ސަބަބުން އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެކުދިންގެ ކަރާމާތަށް އުނިކަން ލިބޭތީ އެ ވުޒާރާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އެހެންކަމުން ކުޑަކުދިންގެ ކަރާމާތައް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެ ފަދަ ފޮޓޯ އަދި ވީޑިއޯތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް