ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލަކާއި ބެހޭގޮތުން މަންދީ ދެއްކިވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން

ރަމަޟާން މަހު ސިލްސިލާކޮށް އެމްޑީޕީގެ ފަރާތުން ކުރަމުންދާ މުޒާހަރާގައި ރައީސްގެ ދަރިކަލަކާއި ބެހޭގޮތުން މަންދީ ދެއްކިވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަދި އިލެކްޝަން ކޮމިޝަނުންނާއި ހިޔުމަން ރައިޓްސް ކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އެގޮތުން ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އީސީން އިލްތިމާސްކޮށްފިއެވެ.

އީސީން މިހެން ބުނެފައި ވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވިލަރެސްކޮށްގެން ބާއްވަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން އެއް އިހުތިޖާޖެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމުގެ މަންމަ، މަރްޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައަކާއި ގުޅިގެންނެވެ.

މަންދީގެ ބަސްތައް ކުށްވެރިކޮށް އީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ދީފައިވަނީ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން ރާއްޖޭގައި ޢަމަލުކުރެވެމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިންކަން ހަނދާންކޮށްދޭ ކަމަށެވެ.

މަދު މީހުންކޮޅަކާއިއެކު އެމްޑީޕީން މާލޭގައި މިހާރު ކުރިއަށްގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައިވެސް، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް އީސީން އިލްތިމާސްކޮށްފައިވެއެވެ.

އެ ކޮމިޝަނުން ވަނީ ސިޔާސީ ޙަރަކާތްތައް ރާވައި ހިންގުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމާއި އެ ކުދިންގެ ޢިއްޒަތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާފަދަ ވާހަކަތައް ދެއްކުން ކުށްވެރިކޮށްފައެވެ.

”މީގެއިތުރުން، ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އެންމެހައި ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމަޢުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަން“ އީސީން ބުނެފައިވެއެވެ.

ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ޙަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެކަން އީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައިވެއެވެ.

މަންދީގެ ވާހަކަތައް ކުށްވެރިކޮށް އީސީން ބަޔާނެއް ނެރުނުއިރު، އެ މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ކުޑަކުއްޖެއްގެ ޢިއްޒަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ޚިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމުގައި ފާހަގަކޮށްފައެވެ. އެކަން ކުށްވެރިކޮށް އެޗްއާރްސީއެމްއިން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.

ކުޑަކުދިންނަކީ ޚާއްޞަ ރައްކާތެރިކަމެއް ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި އަދި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ލިބިދީފައިވާ ބަޔަކަށްވާއިރު، އެ ކުދިންގެ ޢިއްޒަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންނާއި ނުސީދާގޮތުންވެސް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް